
ހައްތަހާވެސް މިފަހަކަށް އައިސް އިވެނީ "ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައިގެން" ކޮންމެވެސް ޕްރޮޓެސްޓްކުރާ ޒުވާނެއް، މައެއް، ބަފައެއް، ނޫސްވެރިއެއް، ސިޔާސީގޮތުން ހަރަކާތްތެރިވާ އިދިކޮޅު ލީޑަރެއް، ހިފާ އޮބަހައްޓަމުން ބިޑިއަޅުވައިގެން ގެންގޮސް ހަޑިހުތުރުބަހުން ހަޅޭލަވާ، އިހާނެތިކޮށްހިތާ، ހައްޔަރަށް ގެންދާތަނެވެ. އެންމެ ގިނައިން މިހެން ކަންހިނގާފައިހުރީ ސަރުކާރުގެ އަމަލުތަކާ އިދިކޮޅަށް އަޑުއުފުލުމަށްޓަަކައި، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިން ދިވެހި ރައްޔިތެއްކަމަށްދެކޭ ކޮންމެ އިންސާނަކަށް ލިބޭ ހައްގުތަކުގެ ދަށުން މާލޭގެ މަގުތައްމައްޗަށް ނުކުމެތިއްބައެވެ. ތަނެއް ފަޅާ، އަންދާ، މީހެއްގައިގާ ޖަހާ، ތޫނު ހަތިޔާރަކުން ޒަހަމްކޮށް، މަގުފޭރިގެންނެއް ނޫނެވެ. ހަމައެކަނި އަޑުއުފުލައިގެންނެވެ.
މިހެން ޖަހައިގަނެގެން ގެންދާ މީހުން ބައެއް ފަހަރު ދޫނިދޫ ޖަލަށް، އަނެއްބައި ފަހަރު މާލެ އަތޮޅުވެހި ޖަލަށް ގެންގޮސް، ގާނޫނާ ގަވައިދުން އެމީހުންނާ ދޭތެރޭ ފުލުހުން އަމަލުކުރަންޖެހޭ ގޮތް ނޫން އެހެން އެތައް ގޮތަކަށް އަމަލުކުރުމަށްފަހު، ކޯޓަށް ގެންގޮސް އެތަނުގައިވެސް އިންސާނީ ހައްގުގެއްލޭފަދަ ބަންދެން ނުވަތަ ހައްޔަރެއް އިއްވުމަށްފަހު ދޫކޮށްލައެވެ.
ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ސަރުކާރެއް ވައްޓާލުމަށް 7 ފެބްރުއަރީ 2012 ގައި ކުރެވުނު ބަގާވާތަށްފަހު ގާނޫނީ އިމުން ބޭރުން ފުލުހުންކުޅޭ ރޯލު ވަނީ ހަޔަކަށް ޖަހާފައެވެ. މާސްކު އަޅައިގެން، ކާކުކަން އަންގައިދޭ ބެޖުނުޖަހާ ތިބެ، އަދި ވަރަށް ގިނަފަހަރަކު އާދައިގެ ހެދުމުގައިތިބެ، ރަޔަޓު ފުލުހުން ވަނީ އަމިއްލަ ގައުމުގެ އަހުންނާއި އުހުތުންނާއި މަންމައިންނާއި ބައްޕައިންނާއި ކޮއްކޮމެންނާ ދޭތެރޭ ރަހުމްކުޑަކޮށް އަނިޔާވެރިވާން ފަށާފައެވެ. ޕެޕަރ ސްޕްރޭއާއި ކަރުނަގޭހާއި މުގުރުން އަމުރު ހިންގުން އެއީ ތިމާ ފަހުރުވެރިވާކަމެއްކަމަށް ގަބޫލުކުރުވަން ވަރަށް މަސައްކަތްކޮށްފައެވެ.
މިހާޖާނުގަނޑަށްފަހު އަދި މިފަހަކަށް އައިސް ރައީސް ނަޝީދުގެ ހައްޔަރަށްފަހު ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި، އަޑުއުފުލާ ރައްޔިތުންނާ ދޭތެރޭ ފުލުހުން އަމަލުކޮށްފައިވާ ބައެއް އަނިޔާވެރިފަހަރުތަކުގެ ހަނދާން އާކޮށްލަމާހެވެ. މިއީ ހަމަ މިހާރު، މިވަގުތުވެސް ހިނގަހިނގާހުރި ކަންތައްތަކެވެ. މިހެން މިކަންކަން ވާއިރު މިކަންބަލަން ދައުލަތުގެ ފަރާތުން އެކުލަވާ ގާނޫނީ ޒިންމާ ހަވާލުކޮށް، ރައްޔިތުން ރެޔާދުވާލު ގަނަތެޅިގެން ހޯދާ ޓެކްސް ފައިސާއިން މުސާރަ ދީފައިތިބޭ ދިވެހިރާއްޖޭގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރުން ހަމަމިވަގުތު، މިއަދު، ކުރަން ތިބީ ކޮންމަސައްކަތެއް ހެއްޔެވެ؟ ހަމަ ގައިމު ފުލުހުންގެ މުއައްސަސާއަށް ފާރަވެރިވެ، ކުށްކުރާ ފުލުހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާތަން އަހަރެމެން ރައްޔިތުންނަށް ފެންނާކަށްނެތެވެ.
ފުލުހުންގެ ގާނޫން (5/2008) ގެ 18 އަދި 19 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވަނީ:
ތިރީގައިމިވަނީ އަނިޔާވެރިކަމާއެކު، ގާނޫނާ ހިލާފަށް، އިންސާނީ ކަރާމާތަށް އަރައިގަންނަ ހިސާބުގައި ފުލުހުން އަމަލުކުރި އެތައް ސަތޭކަ ހާދިސާއެއްގެ ތެރެއިން މަދު ހާދިސާތަކެއްގައި ކަންހިނގާފައިވާގޮތް އެކި މަސްދަރުތަކުގައި ބަޔާންކޮށްފައިވާ ގޮތްގޮތެވެ.
މާޗް 2012 ގައި އިންސާނީ ހައްގަށް ވަކާލާތުކޮށް އަޑުއުފުލި ބައެއް އަންހެނުންނާ ދޭތެރޭ ދިވެހިރާއްޖޭގެ ފުލުހުން އަމަލުކުރިގޮތުގެ ތެރެއިން:
"ލަހެއް ނުވެ، މާލޭގައި ކުރެވުނު ބައެއް މުޒާހަރާތަކުގައި އަންހެނުންގެ މޭމަތީގައި ހިފާކަމުގެ ރިޕޯޓްތަކާއި، މުޒާހަރާގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކުގައި އަންހެނުންގެ އައުރަ ފެންނަގޮތަށް ފުލުހުން އަންހުންގެ ބުރުގާއާ ހެދުމަށް ދަމާ އިރާތަން ހާމަވެގެންދިޔަ. ހައްޔަރުގައި ބައެއް އަންހެނުން އޮރިޔާންކޮށްގެން ބަލާފާސްކޮށްގެން އިންސާނީ ކަރާމާތް ނަގާލަން މަސައްކަތްކުރުމާއި، ކުޑަކަމުދާތަކެތި ޓެސްޓުކުރުމާއި، ފުލުހުން އެމީހުންނާ މުހާތަބު ކުރުމުގައި އިންތިހާއަށް ހަޑި ހުތުރުބަސް ބޭނުންކުރާކަން އިނގިފައިވޭ. އެމްނެސްޓީ އިންޓަނޭޝަނަލްއަށް ހޯދުނު ގޮތުގައި:
...ހައްޔަރުކުރުމަށްފަހު އެމީހުންގެ ޖިންސީ ގުނަވަންތަކުގައި މަސްތުވާތަކެތި ފޮރުވާފައި ވާނެކަމަށް ތުހުމަތުކޮށް އޮރިޔާން ބަލާ ފާސްކޮށްފަައިވޭ. ޖަލުގައި ތިބިއިރު އޮރިޔާންވާން މަޖުބޫރުކުރުވާ އެތައް ފަހަރަކު އުޑަފައިން އިށީންނުވި..."
"...19 މާޗްގައި އޭނާ ހައްޔަރުކުރި ދެ އަންހެން ފުލުހުން އޭނާގައިގާ ތަޅާ ބިންމަތީގައި ދަމާފަ ގެންދިޔަ. އަދި އަތުގައި ބިޑިއެޅުވިއިރު އޭނާގެ އުރަމަތީގައި ހިފާ އަނބުރާލި. އޭނާ ބުނި ގޮތުގައި އޭނާ ފުލުސް އޮފީހަށް ގެންދިއުމަށްފަހު ދޫކޮށްލީ އޭނާ ދެން އެއްވެސް މުޒާހާރާއެއްގައި ނުވަތަ އެއްވުމެއްގައި ބައިވެރިނުވާނެކަމަށް ބުނެ އެކަން އެމީހުންނަށް ގަބޫލު ކުރެވުމުން"
10 ޖުލައި 2012 ގެ ދަންވަރު ވަރަށް އަނިޔާކޮށްފައި ހައްޔަރުކުރި ޒުވާނެއް:
އެރޭ ޗާނދަނީމަގުގައި މޫނުމަށްޗަށާއި ހަށިގަނޑަށް ފުލުހުން މުގުރުބުރިން ވަރަށް އަނިޔާކުރީމަ އޭނަ ހޭނެތުނު. ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައާއި އެމެންޖެންސީއަށް ވެއްދުމަށްފަހު ފިޓުޖެހި ހޮޑުލެވުނު.
އިމަޖެންސީ ކޮޓަރީގައި ހުރި ޑޮކްޓަރު ބުނެފައިވަނީ ނަދީމް އެތަނަށް ގެނައުން ލަސްވިނަމަ އޭނަގެ ސިކުނޑިއަށް ލޭ ފޭބުމުގެ ބިރު ހުރިކަމަށް.
ނޭފަތާ އަނގަމަށްޗަށް ލިބިފަހުރި ގެއްލުންތަކުގެ މިންގަނޑު ބެލުމަށް އީ.އެން.ޓީ. ޑޮކްޓަރަކަށް ނުދައްކަ. އަނބުރައިގަނެ، ފިޓުޖެހި، ހޮޑުލެވިފައިވާ ބަލިމީހަކުގެ ސީރިއަސް ހާލަތު ބެލުމަށް ނިއުރޯސާޖަނަކަށް ނުދައްކަ. އަދި އެރޭ 4 ގަޑިއިރު ހަމަނުވަނީސް ހޮސްޕިޓަލުން ދޫކޮށްލީ ދޭންޖެހޭފަރުވާ ނުދީ، ފުލުހުންކުރި އަނިޔާއާބެހޭ ރިޕޯޓުވެސް ދޭން އންކާރުކޮށްފަ.
ބޮޑެތި އަނިޔާއަށްފަހު ހޭނެތުމާ ފިޓުޖެހުނުނަމަވެސް އޭނާއަށް ކޮށްފާނެ ނަފްސާނީ އަސަރުތަކުގެ ހާލަތު ހުރިގޮތް ބަލަން އެއްވެސް ކަހަލަ ލަފައެއް ދީފައެއް ނުވޭ. އޭނަގެ ކުރިމަތި ފަރާތުގެ ކަނާތްފަޅި ހުރީ އައްސިވެފަ. ކަނާތުފައިގެ ކުޑަކަޅުވާއިން ފެށިގެން ތިރިއަށް ހުރީ އައްސިވެފަ.
ނަފްސާނީ ބިރުވެރިކަމެއްގައި ނިދިން މަހުރޫމުވެފަ.
ފަހުން އަމިއްލައަށް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރު ބުނީ ނޭފަތުން 3 ތަނެއް ބިނދިފައިވާކަމަށް އަދި އެކަން ރަގަޅުކުރަން މަހެއްހާ ދުވަސް ވެދާނެކަމަށާއި ފަހަރުގައި ނޭފަތުގައި ޕްލާސްޓަރު އަޅަން ޖެހިދާނެކަމަށް. އަދި އަނިޔާތަކުގެ ރިޕޯޓް ދޭން ފުރަތަމަ އިންކާރު ކުރިނަމަވެސް އޭޑީކޭގެ މެނޭޖްމަންޓާ ވާހަކަދައްކައިގެން ރިޕޯޓް ލިބުނު. މިއަނިޔާވެރިކަމުގެ މައްސަލައިގެ ތަފްސީލީ ރިޕޯޓުތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައެޅީ.
ދެން ކަންވީގޮތަކީ އޭގެ މަހެއް ފަހުން މަގުމަތިން ހިނގާފަދަނިކޮށް "މިހިރަ ދަނީ ސައިކަލު ވަގޭ" ކިޔާފަ ފުލުހުންތައް އައިސް އަނެއްކާ 25 ދުވަހުގެ އަނިޔާވެރިކަމުގެ ހައްޔަރަކަށް ގެންދިޔަ.
8 ފެބްރުއަރީ 2012: އެމްއެމްއޭ ބިލްޑިންގ ކައިރިން ބަފައަކަށް ކުރި އަނިޔާ:
"...ދެން އެހިސާބަށްގޮސް މަޑުކޮށްލައިގެން ހަމަ، އެތާކު އެއްވެސް ހަމަނުޖެހުމެއް އޭރަކު ނުހިނގާ. ހަމަ އެތާ ސައިކަލެއްގެ މަތީގައި މަށާ އެހެން ކުއްޖަކާ، ޕާކްކޮށްފަހުރި ސައިކަލެއްގެ މަތީގައި އިށީދެލައިގެން ތިއްބަ އައިސް، ފުރަގަހުން އައިސް މަގޭ ބޮލުގަ ޖެހީ.
އެއީ އެމް.އެމް.އޭ. ކުރިމަތިން. ފުރަގަހުން އައިސް ޖެހީމަ ތެދުވެގެން ދުއްވައިގަތީމަ ވެއްޓުނީ. ވެއްޓުނީމަ އަނެއްކާ ދެމީހުން - ދެ ޕޮލިހުންވެގެން - ނަގާފަ ކޮޅަށްބަހައްޓާފަ ޖަހަންއުޅެނިކޮށް މަށަށް މިހެންހަދާފަ އަތް އެޅުނީ ބޮލުގަ. ބޭއިހްތިޔާރުގައި އެޅުނީ. އެޅުނީމަ ވީގޮތަކީ އިނގިލިތައް ދިޔައީ. އިނގިލިތައް ގޮސްގެންވެސް މަދުނިޔޭގަ މިހުރީ މަ އަތްއެޅުނީމަ. 5 އިންޗި ފަޅައިގެންގޮސް ހުރިތަނެއްގަ ދެވަނަފަހަރަށް ޖަހާއިރު، މީހާގެ ސިކުނޑިއަށް ވަންނާނެނޫންތޯ އެހާބާރަށް މުގުރުން ޖަހާއިރު؟
އިނގިލިމަތީ އެއްބުރުން ޖެހީ. މީ އެއްފަހަރުން ޖަހާފަ. އެއްފަހަރުން ޖަހާފަ ހަމަމިއޮތީ ބުރިއަރުވާލާފަ. ޗިސް ކޮށްލާފަ. އެއީ އެހާބާރަށް ފަޅައިގެންގޮސްފަ ވާތާކު ޖަހާއިރު ހަމަ އެމުގުރު ދާނެނުން ސިކުނޑިއަށް ވަދެގެން؟ އެހެންނުން ވާނީ؟ ދެން ބޮލުގަ ނުޖަހާނެދޯ އެހެނެއް އިންސާނަކު މަރަން ނޫނީ؟ އެއީ ގާނޫނީގޮތުންވެސް މަނާކޮށްފަ އޮންނަކަމެއް. ބޮލުގައި ޖަހާނީ މަރަން، އެހެން ނޫންތޯ...؟"
ހަވީރުނޫހުގެ ވީޑިއޯ އިންޓަވިއު، 7 ފެބްރުއަރީ 2013
މިއަހަރުގެ މާޗް ހިސާބުން ފެށިގެން އަނިޔާވެރިކަމާދެކޮޅަށް އިދިކޮޅު ސިޔާސީފަރާތްތަކުން ސިލްސިލާކޮށް ބާއްވާ މުޒާހަރާތަކުގެ ތެރެއަށް ބޭރުންއަންނަ ގްރޫޕުތައް ވަދެ ކަޅުތެޔޮޖަހާ ސައުންޑް ސިސްޓަމްތަކަށް ހަމަލާދީ ހެދިއިރު އެތަނުގައި ތިބި އެސްއޯ ފުލުހުން އެތަން ބަލަންތިބެފައި، އެއަމަލު ހިންގި ފަރާތްތައް ހައްޔަރުކުރުމުގެ ބަދަލުގައި މުޒާހަރާގައި ސުލްހަވެރިކަމާއެކު ބައިވެރިވަމުން ދިޔަ ފަރާތްތައް ގާނޫނީ މިންގަނޑުތަކުގެ ބޭރުން އަނިޔާވެރިކޮށް ހައްޔަރުކޮށް ބިރުދައްކާ ހަދާފައިވެއެވެ.
އެގޮތުން މިދާކަށް ދުވަހު ވަރުގަދަ 4 ފިރިހެން އެސްއޯ ފުލުހުން އައިސް 2 އަންހެނުން ހައްޔަރުކުރީ ފަހަތަށް އަތްއަނބުރާލާ، އެކަކު ބިންމައްޗަށް ވައްޓާލާ ހެދުމުގެތެރޭގައި ގޮށްތައް އިރައިގެން ދާހިސާބުގައެވެ. އެހައްޔަރުކުރި ކުރުމުގައި އެފަރާތްތައް ޕްރެސްޓަރުން ޖަލަށްގެންގޮސް، މުޅިރޭ އެތަނުގައި ބޭއްވިއިރު، ގައިގަ އަޅާފައިހުރި ވިހަ ވަކިތަކަށާއި ހުޅުތައް ދުޅަވަންދެން ދީފައިވާ އަނިޔާތަކަށް ބޭސްކުރުމުގެ ފުރުސަތެއް، އާއިލާއަށް ފޯނުކޯލެއް ކުރުމުގެ ފުރުސަތެއް ނުދެއެވެ. އާދޭސްކޮށްގެން ދިނީ ދެބުރި އައިސްކިއުބެވެ. ކޯޓަަށް ހާޒިރުކޮށް 'ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމަށް' ބުނެ 5 ދުވަހުގެ ގޭބަންދަށް ބަދަލުކުރިއެވެ. ޑޮަކްޓަރަށް ދައްކަައިގެން ބޭހެއް ލިބޭވަރުވީ އޭގެ އަނެއްރެއެވެ. މިމައްސަލަވީ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައަޅާފައެވެ. މައްސަލައަށް ކުރިއެރުމެއް ނުލިބޭތަނުގައި، މިދެފަރާތަށް ދައުވާކުރުމަށް ޕީޖީއަށް މައްސަލަ ހުށައެޅިފައިވާކަމުގެ ހަބަރުލިބެއެވެ.
ވީމާ!
ވީމާ، މިއަނިޔާތަކަށް ޒިންމާވާނީ ކާކުހޭ؟
ބަޔަކު އަޑުއުފުލުމަށް ނުކުތީމާ ރައްޔިތުންނަށް އަނިޔާކޮށް މިވަރުދެއްކުމުގެ ބާރު ފުލުހުންނަށް ދިނީ ކާކުހޭ؟
"ދިވެހި ފުލުހުންނަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދަފަރާކޮށް، މުޖުތަމައުގެ އާއްމު މަސްލަހަތު ދަމަހައްޓާ، ފަރުދީ ހައްގުތައް ރައްކާތެރިކޮށް، އެހައްގުތަކަށް އިހުތިރާމްކޮށް، ކުށްކުރުން ހުއްޓުވުމާއި، ކުށްކުރާފަރާތްތައް ދެނެގަނެ، ގާނޫނު ނެގެހެއްޓުމުގެ އެންމެހާ ކަންކަންކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އަދާކުރާ މަދަނީ ބައެވެ."
ކޮމަންވެލްތް ހިއުމަންރައިޓްސް އިނީޝިއޭޓިވް އަދި އެމްޑީއެންގެ ފުލުހުންނޭބެހޭ 101 ސުވާލާއި ޖަވާބުގެ ނަމްބަރު 1
ފުލުހުންގެ ގާނޫނު 5/2008 ގެ ނަމްބަރު 7 (ހ)ގެ 11، 12، އަދި 16 ވަނަ ނުކުތާގައި ލިޔެ، ގަރާރުކޮށްފައިވަނީ:
ސުވާލަކީ، ދިވެހިންނާ ދޭތެރޭ ދިވެހި ފުލުހުން އަމަލުކުރަމުން މިގެންދަނީ ފުލުހުން އަމަލުކުރަންވާނެ ގޮތަށް ހެއްޔެވެ؟
މިއީ ފުލުހުންގެ މުއައްސަސާ ހިންގަން ފުލުހުން ބޭނުންވާ ގޮތް ހެއްޔެވެ؟
ފުލުހުންގެ މުއައްސަސާ މިވަނީ އަނިޔާ ވެރިންތަކެއް ހިސޯރުކޮށްފަ ހެއްޔެވެ؟
ލިޔުނީ: ފާރަ