އިންސާނިއްޔަތުކަމުގެ ދަޅަދައްކާ ފުލުހުންގެ ދައުލަތް

ދާދި ފަހުން އަހްމަދު ހަމްދޫން ހަވީރުގައި ލިޔެފައި އޮތް ނޫސް ރިޕޯރޓެއްގައި ކުރީގެ ސަރުކާރުތަކާއި މިހާރުގެ ސަރުކާރުގެ ދަށުގައި ފުލުހުންގެ އަމަލްތައް ހުރި ގޮތް އަޅާކިޔާ، ކުރިއަށްވުރެ މިހާރު ފުލުހުން މައިތިރިކަމާ، އަހަރެމެންގެ މަދަނީ މިނިވަންކަން ހޯދައިގަތުމަށް މާބޮޑަށް ތަންދޭކަން ދެއްކުމަށް މަސައްކަތްކޮށްފައިވެއެވެ. ތެދެކެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް އެ އެތަނަށް 'އިންސާނީ މޫނެއް' ލާން މަސައްކަތް އެބަ ކުރެއެވެ. ރޭގަނޑު 12 ގެ ފަހުން މުޒާހިރާ ކުރިޔަދިޔަދެއެވެ. މުޒާހިރާ ކުރާ މީހުންނަށް (ފެހި ޒޯން ފިޔަވައި) ގިނަ ތަންތާގައި މުޒާހިރާކުރެވެއެވެ. ކޮމިޝަނަރ އަބްދުﷲ ރިޔާޒު ގަވައިދުން ޕްރެސް ކޮންފަރަންސް ބާއްވާ، މީޑިޔާއަށް ވާނުވާ އަންގައެވެ. ދާދި ފަހުން އޮތް އަންހެނުންގެ މުޒާހިރާއަކަށް ހަވާލާދީ، އެތަން ރޫޅާލުމަށް ޕްރެޝަރުގައި ގަޔަށް ލޮނުޖެހުމަކީ އެކަންކުރަން އެންމެ "އަނިޔާ ކުޑަ" ގޮތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ޓްވިޓަރގައި މުއާމަލާތްކޮށް، އާންމުނާ ވަރަށް ގާތްކަމަށް ފެނެއެވެ.

މިކަންތައްތައް އޭގެ އެންމެ ތިލަގޮތަށް ދެކޭނަމަ ގަބޫލުކުރެވޭނީ އެމް.ޑީ.ޕީ. ގެ މުޒާހިރާކުރާމީހުންގެ ބައިބޯކަމާއި، ބާރުގެ ސަބަބުން ސިފައިން ހަރުކަށިކަން ކުޑަކުރަން ޖެހުނީކަމަށެވެ. ބޮޑު ކުރިމަތިލުމަކަށް ދާންޖެހިއްޖެ ހިނދެއްގައި ދެކޮޅައްވެސް ވަރަށް ގިން ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާތީ، މިފަދަ ކަމަކާ ދުރުހެލިވެވެން އޮތް ހިނދެއްގައި ދުރުހެލިވުމުގައިވެސް ބުއްދިއެއް ވެއެވެ. އެހެނަސް، ހަނދާންބަހައްޓަން ވާނެ އެވެ. އެމް.އެން.ޑީ. އެފް އާއި ފުލުހުންގެ ދެ ބާރު އެއްކޮއްލާ، ރަބަރު އުންޑަޔާ، ކަރުނަ ގޭހާއި ޕެޕަރ ސްޕްރޭގެ ބޭނުންކުރުމާއި، ގާނޫނު ގޮތްގޮތަށް އަނބުރައިގެން މުޒާހިރާގެ ލީޑަރުން ހައްޔަރުކުރުން ފަދަ އެތައް އުކުޅަކުން ކޮންމެ މުޒާހިރާއެއްވެސް ހުއްޓުވާލެވިދާނެއެވެ. މިހާރު މިއޮތް ސަރުކާރުން ކޮންމެ ގޮތަކުންވެސް ބާރުގައި ތިބެން ބޭނުންވުމާއިއެކު، ވެރިކަން ހިފަހައްޓަން އެބައިމީހުން ކިތައްމެ ހަރުކަށި ކަމެއްވެސް ކުރަންޖެހިއްޖެ ހިނދެއްގައި ކޮއްފާނެއެވެ.

8 ފެބްރުއަރީ 2012 ގައި ފެނިގެން ދިޔައީ ހަމަ މިފަދަ ބާރުވެރިކަމެކެވެ. ބަޣާވާތަށް ރައްދެއްގެ ގޮތުން އެމްޑިޕީގެ އެތައްހާސް ސަޕޯޓަރުންނެއް މާލޭގެ މަގުތަކުގެ މައްޗައް ނުކުތުމުގެ ނަތީޖާއަކަށްވީ، ސިފައިން ފިސާރި ހަރުކަށިކަމާއިއެކު ނުކުމެ، މުޒާހިރާތައް ރޫޅާލުމަށް ސިފައިންގެ ގާނޫނުތަކާއި ގަވާއިދުތައް ހިލާފުވުމެވެ. މި އަނިޔާވެރިކަމަށް ހެކިދޭ ވީޑިއޯ ޔޫޓިއުބް ފަދަ ވެބްސައިޓުތަކުން އެދުވަހަށްފަހު ފެންނާންފެށިއެވެ. މި ވީޑިއޯ ތަކުގައި ވަރަށް ސާފުކޮށް ސިފައިން މުޒާހިރާ ކުރި މީހުން ބޮލުގައި މުގުރުބުރިން ތަޅާތަނާއި، މަގުމައްޗައް ވެއްޓިފަ ތިއްބާ އެމީހުން ގައިގާ ތަޅާތަން ފެނެއެވެ. އޭގެ ފަހުން، މީޑިއާ ނެތް އިރު، އައްޑޫގައި އަދި މިއަށްވުރެންވެސް އަނިޔާވެރިކަންކަމުގެ ވާހަކަތައް އިވެން ފަށައިފި ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ރިޕޯރޓު ކުރިއެވެ.

ވުމާއެކު ފުލުހުންގެ ފަރާތުން މިފަހަކުން ފެނިގެންދިޔަ ޢަމަލުތަކުގައި އިންސާނިއްޔަތުކަމުގެ ކުލަ ޖައްސަން އުޅުމަކީ އެހެން 'ސްޓްރެޓީޖިކް އެޖެންޑާ' އެއްގެ ދަށުން ހިންގޭ ހަރަކާތެއްކަމަށް ނިންމިދާނެއެވެ. އަދި މިއީ އެއްވެސް ހާލެއްގަ ފުލުހުންގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދުމަށް ހިންގާ ޕްރޮގްރާމެއްގެ ތެރެއިން ގެންދާ ހަރަކާތެއް ނޫނެނެވެ. މި ޕީ.އާރް. ސްޓްރެޓެޖީގެ ސަބަބުން މިހާރުގެ ސަރުކާރަށް ހަގީގީ މައްސަލަތަކާ ކުރިމަތިލާންނުޖެހި ނުވަތަ އެ ކުރިމަތިލުން ފަސްކުރެވިގެންދާކަމަށް މިދަނޑިވަޅުގައި ވިސްނިދާނެއެވެ. އެއީ ޤާނޫނީ އިމުން ބޭރުވެ، ބަޣާވާތްކޮށް، ޢަދުލް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހިފައިވާ، އެހެނަސް ބަޣާވާތްތުގައި އެމީހުން އަދާކުރި ރޯލަށްޓަކާ އިނާމެއްގެ ގޮތުން އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ، ފުލުހުންގެ މައްސަލައެވެ. އެހެނީ، ވީޑިއޯތަކުގައި ރެކޯޑްކުރެވިފައިވާ، ވަކިން ހާއްސަކޮށް 8 ފެބްރުއަރީ އަދި މީގެ ފަހުންވެސް އައްޑުއަތޮޅުގައި، އަނިޔާކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ވަކި ވަކި ފުލުހުންގެ މައްޗަށް ޝަރީޢަތް ހިންގުމަކީ ބަޣާވާތާއި ގުޅިގެން ހިންގޭ މިނިވަން ތަހުގީގަކުން ވަކި ނަތީޖާއަށް ނެރެވެންދެން މަޑުޖައްސަން ޖެހޭ ކަމަކަށް ނުވާތީއެވެ. ފުލުހުންގެ އަނިޔާވެރިކަމުގައި އިންސާނިއްޔަތުގެ ކުލަ ޖެއްސުމުގެ މަޝްރޫޢަކީ، އަހަރުމެން ޢަދުލު އިންސާފު ޤާއިމުކުރުމަށް ގޮވާލާ ގޮވާލުމުގެ އަޑު މަޑުކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އަދި ފުލުހުންގެ އަނިޔާވެރިކަމުގެ މައްސަލަވަނީ އެހެން، މާ މުހިއްމުކަމަށް ދެކޭ، (މަޖްލިސް ހުޅުވުންފަދަ) މައްސަލަތަކުގެ ތެރޭގައި ވަޅުލެވިފައެވެ. އަޅާނުލުމާ، ގަސްތުގައި ނޭނގުމުގެ ތެރޭގައި ތިބެ، ފުލުހުންގެ އަނިޔާގެ މައްސަލަ މަތި އޮއްބާލުމުގެ ސްޓްރެޓެޖީގައި ބައިވެރިވަނީ، އެބައިމީހުން ހިންގާފައިވާ ބޮޑު އަނިޔާވެރިކަމާމެދު ހަމަހިމޭނުން ތިބި މަދަނީ މުޖްތަމައުގެ ފަރުދުންނެވެ – ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، މަދަނީ ޖަމްއިއްޔާތަކެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިކަމާމެދު ވެފައިވާ އިހްމާލަކީ ވަރަށްވެސް ހުތުރު ކަމެކެވެ. އަދި ދައުލަތުގެ މުއައްސަސާތަކުގައި އަދިވެސް ކުރީގެ ހުދުމުހުތާރު ވެރިކަމުގެ ބާރު ހިނގާވަރުގެ ހެއްކެއްކެވެ.

ފުލުހުންގް ޤާނޫނުގެ މާއްދާ 11 (ށ) iii ގެ ދަށުން 'ފުލުހުންގެ މަސްއޫލިއްޔަތުތަކާއި ދައުރުއަދާކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކާއި، އެކަށީގެންވާވަރަށްވުރެ ބޮޑަށް ބާރުގެ ބޭނުންކުރުމާއި އެހެނިހެން ކުށްތައް މަދުކޮށް އަދި ނައްތާލުމަށް ޤާނޫނީ ޒިންމާއާއި ބާރު' ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ލިބިދީފައިވެއެވެ. ނަމަވެސް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ އެމީހުންގެ ޒިންމާ އަދާކުރުމުގައި އިހްމާލުވެ، ރާއްޖޭގައި ފުލުހުންގެ ހަރަކާތްތަކެއް އެކަށީގެންވާ ގޮތެއްގައި ބެލިފައެއްނެތެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި ޤާނޫނުތަކަށް ފުލުހުން ނަފްރަތުކޮށް ގޮންޖަހާލި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަދި އެމީހުންނަށް އެއްވެސް ޖެހިލުމަކާނުލައި، ފަސޭހަކަމާއެކު ބަޣާވާތެއް ހިންގުނުކަމުގެވެސް ސަބަބެކެވެ.

ފުލުހުންގެ އަމަލުތައް ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކޮށް ޤާއިމްކުރެވިފައިވާ މުއައްސަސާތައް މިނިވަންކަމާއެކު އެފަރާތްތަކުގެ ދައުރު އަދާނުކުރާހާ ހިނދަކު ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަމެއް ގާއިމެއްނުކުރެވޭނެއެވެ. ނަމަވެސް، މި މުއައްސަސާތައް ވަނީ ހިސޯރުކުރެވި، ހަލާކުވެފައެފެ. އަދި މިކަމުގެ ސަބަބުން މިހާރުގެ ވެރިކަމަށް މިއޮތް ޣައިރުޤާނޫނީ ފުލުހުން ދެމެހެއްޓެއެވެ. މިހާރުގެ ވެރިކަމުގެ ސިޔާސީ ލަނޑުދަނޑިއަކީ މި ޣައިރު ޤާނޫނީ ބާރުތައް ލިބިގެންވާ ފުލުހުން ދަމަހައްޓައި، އެކި ސަބަބުތަކަށް، ބޭނުންވާ ގޮތަކަށް ބޭނުންވާ ވަގުތެއްގައި، ފުލުހުންގެ ބޭނުންކުރުންކަން ޔަގީނެވެ. މިފަދަ ފުލުހުން ހިމެނޭ ދައުލަތަކަށް ކިޔޭނީ ހަމަ އެންމެ ނަމެކެއެވެ. އެއީ ފުލުހުންގެ ދައުލަތެކެވެ.

މި ފުލުހުންގެ ދައުލަތަށް ނިންމުމެއް ގެންނަން ފެށޭނީ ހަމައެކަނި ވެރިކަން އަނބުރާ ރައްޔިތުންނަށް ރައްދުކޮށްދޭ އިންތިހާބަކުންނެވެ.