ލަމްބާޑާ

އެއްމެ ބޮޑަށް ޔަގީންކަން އޮންނަނީ އަމިއްލަ ނަފްސު ވާކަމާ ދޭތެރޭގަ، އެހެއްނު؟ އަހަރެން ވާކަމާ ދޭތެރޭ މަށެއް ޝައްކެއް ނުކުރަން. ކުރިޔަސް، ޝައްކު ކުރަންވެސް ކޮންމެވެސް ފަރާތެއް ބޭނުންވޭ ދޯ؟ ޝައްކު ކުރާ ފަރާތަކީ އަހަރެން. އަހަރެން ވަނީ ސިކުނޑީގެ ތެރޭގައި މި ހިނގާ ތޫފާނުގެ ތެރޭގައި. އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ހިޔާލުތަކާ، ހަނދާންތަކާ، އެދުންތަކާ، ވޭންތަކާ، އުފާތަކުގެ މައްޗަށް އެކުލެވިގެންވާ މާއްދިއްޔަތެއް ނެތް އެއްޗެއް އަހަރެންނަކީ. އަހަރެން އަބަދުވެސް މިދަނީ ބަދަލުވަމުން. އަބަދު ބަދަލުވަމުންދާ އެއްޗަކީ އެކައްޗެކޭ ބުނެވޭނެބާ؟ އަހަރެން ވަނީ އެކިއިރު އެކި ސިފައިގަ. މިއަދު އަހަރެން މއިނީ ކޮޓަރިތެރޭގަ. އެކަނި. ފޫހިވެފަ.
ދެން އަހަރެން ކޮޓަރިން ނުކުމެ އިށީނީ ކާމޭޒު ދޮށުގަ. ފަހަރިޔާ މައިދައިތަ ތިބީ ސިޓީންގ ރޫމްގަ. ފަހަރި އުޅުނީ އެއްޗެއް އިސްތިރިކުރަން. އޭނާއަށް އަހަރެން ފެނުމާއެކީ ބުނެލީ:
ކަލޭ ބޯކޮށީ ކީއްވެ؟
ފޫހިވެގެން.
ދެން އެކަމަކުވެސް ތިނޫން ގޮތަކަށް ނޭންގުނީތަ ކޮށަން؟
ބޯކޮށާމީހާ ކައިރީ ތިސުވާލު ކޮށްބަލަ.
ދެން ކީއްވެފަ ތިއިނީ؟
ފޫހިވެފަ. ކަލޭ ކިހިނެއްވެގެންތަ ތި އުޅެނީ؟
އަހަރެން ކަލޭ މަންމަ ހެދި ލަމްބާޑާއެއް ކައިގެން މިއުޅެނީ.
މަގޭ މަންމަ ހެދި ކޯޗެކޭ؟
ލަމްބާޑާއެކޭ.
އެއީ ކޯޗެއް؟
ހޮއް ޑޯގެއް. މޫއިންކު މީހުން އެހެން ކިޔަނީ.
ދެން ކަލޭ ގޭތެރޭގަވެސް މޫއިންކު މީހުން ކިޔާ އެއްޗިހިތަ ކިޔަނީ؟
އެއީ އެންމެންވެސް ކިޔާ އެއްޗެކޭ.
ނާ މަށެއް އަޑެއްނާހަން. ލަމްބާޑާ.
އެހެންމީހުންނަށް ތިމާ އެނގެނީ އެމީހުންގާތު އުޅޭ ގޮތުން. ދައްކާ ވާހަކައިން. އޭގެ އިތުރަކަށް އެކަކަށްވެސް އަނެކާއެއް ނޭނގޭ.
އަހަރެން ބަތްސުވަލެއް ނަގާ އަނގަޔަށް ލީން. މީހަކާ މުއާމަލާތު ކުރީމާ އަނެއްކާވެސް އަހަރެން ބަދަލުވޭ. އެ ކުރާ މުއާމަލާތުން އަހަރެންގެ އާ ސޫރައެއް ކުރެހޭ.
އަހަރެން ތަށިދޮވެފަ، ކޮޓަރިއަށްވަދެ އެނދުމަތީގަ އޮށޯވެލިން. ދެން އަހަރެންނަށް ހޭލެވުނީ މީހަކު ރަނގަބީލު އަޅާ އަޑަށް.
އަހަރެން ގޮސް ބެލިއިރު އަންހެނުން ދޮރުބޭރުގައި ބޮޑު ދެ ދަބަސް އަތަށް ލައިގެން ހުރި. އޭނާއަށް އަހަރެން ފެނުމުން ލިބުނީ ހައިރާންކަމެއް. މޫނަށް ފާޑެއްގެ ވައްތަރެއް ޖެއްސި. އޭނާ އަނގައިން ނުބުނެ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ސިޑިން އަރާ ކޮޓަރިއަށް ވަން.

No Comments »

No comments yet.

Leave a comment